ހދ. ނޮޅިވަރަމުގެ ކުޅިވަރު ޓީމެއް ކަމަށްވާ ކަންމަތި ސްޕޯޓްސް ކްލަބުން އިސްނަގައިގެން ރަށުގައި ފުޓްސަލް ކޭމްޕެއް ބާއްވައިފިއެވެ. 

ޢުމުރުން 14 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ކޭމްޕަކީ 10 ދުވަހުގެ މުއްދަތަށް ކުރިއަަށްދިޔަ ކޭމްޕެކެވެ. އެގޮތުން ނިމިދިޔަ އޮކްޓޫބަރު މަހުގެ 21އިން 31އަށް ނޮޅިވަރަމުގައި ބޭއްވި މި ކޭމްޕުގައި 15އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ. 

މިއީ ރަށުގައި އަރަމުން އަންނަ ޒުވާން ޖީލަށް ފުޓްސަލްއަށް ލޯބި ޖެއްސުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕުގައި އަލަށް ފުޓްސަލް ކުޅެން ދަސްކުރާ ކުދިންނަށް ވެސް އެންމެ އެކަށީގެންވާ ގޮތަށް ވާނީ ފުޓްސަލްއާ ބެހޭ އެންމެ "ބިިގިނަރ" ލެވެލްގައި ދަސްކޮށްދީފައެވެ. އޭގެތެރޭގައި ބޯޅަ ގެންގުޅޭ ގޮތާއި ޕާސްކުރާނެ ގޮތްތަކާއި މޫވްމަންޓުތައް ވާނީ ދަސްކޮށްދީފައެވެ. 

ކަންމަތި ޓީމުގެ ފަރާތުން އަޅުގަނޑުމެންނާ ވާހަކަ ދައްކަވަމުން އާޒިމް ޙުސައިން ވިދާޅުވީ މިކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެފައިވަނީ ނޮޅިވަރަމުގައި އުފެދުނު އެންމެ މޮޅެތި ފުޓްސަލް ކުޅުންތެރިިންގެ ތެރެއިން މުޙައްމަދު އިކުރާމު (އެންމިކު)އާއި ޢަލީ ރަޝީދު (ބަކޭ)ގެ އިތުރުން ތަޖުރިބާކާރު ކޯޗު ޙުސައިން ޢަލީ (ދަނބޭ)އެވެ. އަދި މީގެއިތުރުން ވެސް ސެޝަންތައް ނަގައިދިނުމުގައި މުޙައްމަދު ޖަމީލާއި އާޒިމް ވެސް ވަނީ ބައިވެރިވެފައެވެ. 

May be an image of one or more people, people studying, eyeglasses and text

މިއީ ކަންމަތި ސްޕޯޓްސް ކްލަބުން އިސްނަގައިގެން މިރަށުގައި އަލަށް ކުރިއަށްގެންދިޔަ ކޭމްޕެކެވެ. އަދި މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކޭމްޕުތައް މިރަށުގައި މިއަށްވުރެ ފުޅާ ދާއިރާއެއްގައި ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ކަންމަތި ޓީމުގެ ފަރާތުން ދެއެވެ.